ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.
ފެނަކައިން ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން އެ ކުންފުނިން ރާއްޖޭގެ ރަށްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އެގޮތުން ށ. ނޫމަރާ އަދި ށ. ގޮއިދޫގައި ޤާއިމުކުރަން ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓުތައް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ލޯޑުކޮށް މިހާރު ވަނީ އެ ރަށް ތަކަށް ފޮނުވާފައި ކަމަށް ފެނަކައިން މިއަދު ބުނެފައި ވެއެވެ.
ފެނަކަ އިން ބުނީ މީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް އެ ކުންފުންޏަށް ހަވާލުކުރެވިފައިވާ ކަމަށެވެ.
ފެނަކަ އިން ބުނީ އެ މަޝްރޫޢުތައް ފެށުމަށް ވަމުންދާ ތައްޔާރީތަކާއި މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ މައުލޫމާތު ކުރިއަށް އޮތްތާގައި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.




