ޔަހޫދީ އިޒްރޭލާއި އީރާނާ ދެމެދު ފެށިފައިވާ ހަނގުރާމަ ހުއްޓާލަން އެ ދެ ޤައުމުންވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އިޒްރޭލާއި އީރާނާ ދެމެދު ފެށިފައިވާ ހަނގުރާމައަށް މިހާރު ގާތްގަނޑަކަށް ދެ ހަފްތާ ވެފައިވާއިރު، އެ ދެ ޤައުމުންވެސް އެއްކޮށް ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެކަން އިއުލާނު ކުރަމުން ޓްރަމްޕް ބުނީ، އެ އެއްބަސްވުމަށް އަމަލުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދޭން ފެށީ މި މަހުގެ 13ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ.
އެއަށްފަހު މި މަހުގެ 22 ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ހަރަކާތެއް ފަށައި، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފައެވެ.
ޓްރަމްޕްގެ މި އިއުލާނު އައިސްފައިވަނީ އީރާނުން މި ހަމަލާ ދިންތާ ކުޑައިރުކޮޅެއް ފަހުންނެވެ.
އިޒްރޭލާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން ޓްރަމްޕް އިއުލާނު ކުރިނަމަވެސް، އެކަމާ ގުޅިގެން އަދި އެ ދެ ޤައުމުން މިކަން ކަށަވަރު ކޮށްފައެއް ނުވެއެވެ.




