ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ފަރާތްތަކަށް ފައިސާގެ އިނާމެއްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް މުޢިއްޒު ވަނީ މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި އިއުލާނު ކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށްފަހު އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
ރާއްޖެއަކީ ދުންފަތާ ދުރު ޤައުމަކަށް ހެއްދެވުމަށް ރައީސް މުޢިއްޒު ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މިކަމުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ޚާއްސަ އިނާމެއްވެސް މިދިޔަ މެއި މަހުގެ 30ވަނަ ދުވަހު ދެއްވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތައާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް، ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ތަންފީޒުކުރައްވާ ސިޔާސަތުތަކާއި، ގެންނަވާފައި ހުރި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސްް މުޢިއްޒު ތަޞްދީޤުކުރައްވާފައި ވުމުން، ރާއްޖެއަށް އެރޮނގުން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ޑަބްލިޔުއެޗްއޯ އިން ފާހަގަކޮށްފައި ވެއެވެ. އޭގެތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުންވެސް އެޖަމުޢިއްޔާއިން ފާހަގަކުރި ކަންކަމުގެތެރޭގައި ހިމެނެއެވެ.
މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.



