މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރަށް ތައްޔާރުވާން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އެ މައްސަލަ ބަަލައިގަނެ މެންބަރުންގެ މެދުގައި ބަހުސް ކުރުމަށް ވަނީ ފާސްވެފައެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ މިއީ ތިންވަނަ ބޮޑު ހަނގުރާމައިގެ މަލަމަތި ކަމަށް ރައްޔިތުން ދެކޭ ކަމަށާއި އެހެންކަމުން އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ބޮޑު ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް ފަދަ އަސާސީ ސާމާނު ހުރިކަން ރައްޔިތުންނަށް ޔަގީންވާ ޖެހޭ ކަމަށާއި އެ ތަކެތި ހުސްވުމެއް ނެތި ލިބޭނެކަން ވެސް ކަށަވަރުވާން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި މިވަގުތު ޑޮލަރުގެ ރިޒާވް ހުރި މިންވަރު ބަލައި ކޮންމެ ހަފްތާއަކުން ކޮމިޓީތައް މެދުވެރިކޮށް އެކަން މޮނިޓާކުރަން ވެސް ޖެހޭ ކަމަށް ވިދާޅުވިއެވެ.
”މިއީ މާލީ ހިސާބުތަކާ ގުޅިގެން ދޮގު ނުހަދައި ރައްޔިތުންނަށް ތެދަށް މައުލޫމާތު ފޯރުކޮށްދޭންވީ ވަގުތު. އަޅުގަނޑުމެން މިތިބީ ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުންވާނެ ހާލަތެއްގައި ނޫން. އަޅުގަނޑުމެން މި ތިބީ ގައުމީ ރޫހެއްގައި ގައުމުގެ އިސްކޮށްގެންް“ މީކާއިލް ވިދާޅުވިއެވެ.
އެ މައްސަލައިގެ ބަހުސްގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ރާއްޖެއަކީ ހުރިހާ މުދަލެއް ބޭރުން ގެންނަ ގައުމަކަށްވާއިރު ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކު ރައްޔިތުން ތިބެންޖެހޭ ކަމަށެވެ.




