ބައިނަލްއަޤްވާމީ ހަމަޖެހުމާއި ތަރައްގީގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ”ވިމެން އިން ޑިޕްލޮމަސީ“ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވިމެން އިން ޑިޕްލޮމެސީ ދުވަހުގެ މުނާސަބަތުގައި، ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރާ ކަމަށެވެ.
މި ދުވަސް ރާއްޖެއިން ފާހަގަކުރަނީ، އ.ދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން، މި ޙަރަކާތް ކާމިޔާބުކުރުމަށް އިސްކޮށް ހަރަކާތްތެރިވި ޤައުމެއްގެ ގޮތުގައި ފަހުރުވެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ
”ދުނިޔޭގެ ސުލްހަ މަސަލަސްކަން ޤާއިމުކޮށް ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ދައުރުފުޅާ ކުރުމާއި އަންހެނުންނާއި އަންހެން ކުދިން ތަމްސީލް ކުރާ، އެ މީހުންގެ އަޑުއަހާ، އަންހެނުން އިސްކޮށް ހަރަކާތްތެރިވުމަށް އަދި އިހުތިރާމްކުރާ މުސްތަގުބަލެއް ބިނާކުރުމުގައި ރާއްޖޭން އަބަދުވެސް ދެމި އޮންނާނެ“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24ވަނަ ދުވަސް ފާހަގަކުރަން ނިންމާފައި ވަނީ ”ވިމެން އިން ޑިޕްލޮމަސީ“ ދުވަހުގެ ގޮތުގައެވެ.




