އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު (އޭ.އައި.އައި.ބީ) ގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޗައިނާގެ ބެއިޖިންގއަށް ވަޑައިގެންފިއެވެ.
މި ބައްދަލުވުން ކުރިއަށްދާނީ ޖޫން 24 އިން 26 އަށް ޗައިނާގެ ބެއިޖިންގ ގައި ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން، މިނިސްޓަރު ޒަމީރު ”ދިހަ އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން“، މި މައުޟޫއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުން ހިއްސާކުރައްވާނެ ކަމަށެވެ.
އަދި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ބައްދަލުވުމުގައި އޭއައިއައިބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އޭއައިއައިބީއަކީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެކެވެ. މިއީ މެންބަރު ގައުމުތަކުގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ފައިނޭންސް ކުރުމަށް އުފައްދާފައިވާ ބޭންކެކެވެ.
ފުރަތަމަ 57 ގައުމުގެ ބައިވެރިވުމާއެކު މި ބޭންކު އުފެއްދީ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމާއި، އިންފްރާސްޓްރަކްޗަރ އަދި އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރުމުގެ މަގުން ސަރަހައްދީ ގުޅުންތައް ހަރުދަނާކުރުމުގެ މަގުސަދުގައެވެ.
ރާއްޖެއަކީ 2016 ވަނަ އަހަރު އުފެދިގެން އައި އޭއައިއައިބީގެ ފައުންޑިންގ މެންބަރެކެވެ.
ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އޭއައިއައިބީ ވަނީ ވަރަށް ބޮޑަށް ކުރިއަރާ، ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.
މިހާރު، ދުނިޔޭގެ ކޮންމެ ބައްރަކުން ވެސް ޖުމްލަ 110 މެންބަރު ގައުމާއެކު އޭއައިއައިބީ މަސައްކަތްކުރެއެވެ. މި މެންބަރު ގައުމުތަކަކީ ދުނިޔޭގެ އާބާދީގެ 80 އިންސައްތައަށް ވުރެ ގިނަ މީހުންނާއި، ދުނިޔޭގެ ޖުމްލަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މިންވަރު ހިއްސާކުރާ ގައުމުތަކެވެ.
މީގެ އިތުރުން އޭއައިއައިބީ އިން ވަނީ 38 ގައުމެއްގައި 300 އަށް ވުރެ ގިނަ މަޝްރޫޢަށް 60 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކޮށްފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ސާފު ހަކަތަ، ދަތުރުފަތުރުގެ ނެޓްވޯކްތައް، ފެނުގެ ނިޒާމްތައް އަދި ޑިޖިޓަލް ގުޅުވައިލުން ހިމެނެއެވެ.



