އީރާނަށް ހަމަލާ ނުދީ ވަގުތުން އެނބުރި ޤައުމަށް ދާން ޔަހޫދީ އިޒްރޭލުގެ ޕައިލެޓުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގައިފިއެވެ.
ޓްރަމްޕް ވަނީ އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ފަށާފައިވާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން މިއަދު ހެނދުނު އިއުލާނު ކޮށްފައެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައްވުމަށް 12 ގަޑިއިރު އޭނާ ވަނީ ދީފައެވެ.
ޓްރަމްޕުގެ އެންގުމާ އެއްގޮތަށް ހަނގުރާމަ ހުއްޓާލަން ނިންމާފައިވާކަމަށް އޭގެ ކުޑައިރުކޮޅެއްފަހުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އެކަން ހާމަކުރިތާ މާގިނައިރެއްނުވެ އިޒްރޭލުން ވަނީ، އީރާނުން މިސޭލު ފޮނުވިކަމަށް ތުހުމަތުކޮށް، އީރާނުގެ ވެރިރަށް ތެހްރާނަށް ބޮމުގެ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އީރާނުން ވަނީ އެފަދަ ހަމަލާއެއް ދިންކަމަށް ބުނި ވާހަކަތައް ދޮގުކޮށްފައެވެ.
މިކަމާ ގުޅިގެން ޓްރަމްޕް އޭނާގެ ރަސްމީ ”އެކްސް“ އެކައުންޓުން އިޒްރޭލަށް އަންގާފައިވަނީ، ބޮން އަޅައިގެން ނުވާނެ ކަމަށާއި ވަގުތުން އެނބުރި ޤައުމަށް ދާން އިޒްރޭލުގެ ޕައިލެޓުންނަށް އަންގާ ކަމަށެވެ.
”އަހަރެން 12 ގަޑިއިރޭ ބުނުމުން އޭގެ މާނައަކީ ފުރަތަމަ ގަޑިއިރު ތެރޭގައި ގޮސް ހަމަލާތަކުން އެތަން (އީރާން) ފުރާލާށެކޭ ނޫން! އިޒްރޭލާ ހަމައަށް ނުވެސް ފޯރާ ރޮކެޓެއް ފޮނުވައިގެން، އިޒްރޭލުން އަނެއްކާވެސް ހަނގުރާމަ ކުރަން ހުރީތީ، އެކަމާ އަހަރެން އުފަލެއް ނުވޭ. އެ ރޮކެޓަކީ އޮޅިގެން ފޮނުވުނު އެއްޗެއް ކަމަށްވެސް ވެދާނެ“ އެމެރިކާގެ ރައީސް ބުނެފައިވެއެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދޭން ފެށީ މި މަހުގެ 13ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ.
އެއަށްފަހު މި މަހުގެ 22 ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ހަރަކާތެއް ފަށައި، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފައެވެ.



