ލޯންޗަކާއި ޑިންގީއެއް ޖެހިގެން ރޭ ކަނޑުމަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ޅ. މަޑުއްވަރީ އެއާޕޯޓާ ދިމާ ކަނޑުމަތިން ރޭ 8:26 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެ ހާދިސާއަށް ފަހު ވަނީ ގެއްލިފައެވެ. ބެލެވެނީ ޑިންގީ އަޑިއަށް ދިޔައީ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި ޑިންގީ ހޯދަން ކުރި މަސައްކަތުން މިހާތަނަށް އެ ޑިންގީ ފެނިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި އެކްސިޑެންޓުވެފައިވަނީ ޅ. ކަނުހުރާ ރިސޯޓަށް ގެސްޓުންތަކެއް ގޮވައިގެން ދިޔަ ލޯންޗަކާއި އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއް ޖެހިގެންނެވެ. އަނިޔާވި ތިން މީހުންނަކީ ޑިންގީގައި ތިބި މީހުން ކަމަށްވެ އެވެ.



