މިއަހަރުގެ ޖުލައި 26 (މިނިވަން ދުވަހާ) ގުޅިގެން 28 ޖުލައި ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ.
އެހެންކަމުން މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ، 2025 ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުޢިއްޒު މިއަދު ވަނީ ހަމަޖައްސަވާފައެވެ.
މިނިވަން ދުވަހާ ގުޅިގެން އާންމުކޮށް ރާއްޖޭގައި ގިނަ ޖަރަކާތްތަކެއް ބާއްވައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ ފަރާތުން ބާއްވާ ޕެރޭޑާއި، އެކި އެކި ކުންފުނިތަކުން ހަދާފައިވާ ފުޅަނދު ބުރަކީ ޒަމާނުއްސުރެ މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން ގެންދާ ޚާއްސަ ހަރަކާތްތަކެކެވެ.
މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުކަމަށްވުމާއެކު، މި އަހަރު އިތުރު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން މިފަދަ ގިނަ ހަރަކާތްތަކަކާއެކު، ނުހަނު ކުލަގަދަކޮށް ރާއްޖޭގައި މިނިވަން ދުވަސް ފާހަގަ ކޮށްފައިވަނީ މީގެ 10 އަހަރު ކުރިން، ”މިނިވަން 50“ ފާހަގަ ކުރުމުގެ ގޮތުންނެވެ.



