ރ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން، އެ އަތޮޅުގެ ރައްޔިތުން ދަތުރުތަކަށް އަހުލުވެރި ކުރުމަށް މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެން ކަމަަށެވެ.
މިހާރުވެސް މި ހިދުމަތް ތިން ޒޯނަކަށް ދަނީ ދެމުންނެވެ. އެއީ އުތުރުން ހއ ، ހދ ، ށ އަދި ނ އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅާއި އެންމެ ދެކުނުން ގއ ، ގދ ، ފުވައްމުލައް އަދި އައްޑޫސިޓީ ހިމެނޭ ޒޯނެވެ.
ރ. އަތޮޅަަށްފަހު ދެން މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގައެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް ރ. އަތޮޅުގައި ފެށުމުން، މި ހިދުމަތް ދޭ އަތޮޅުތަކުގެ އަދަދު 10އަށް އަރާނެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރ. އަތޮޅުގެ ރައްޔިތުން އާރުޓީއެލް ފެރީއަށް އަހުުވެރި ކުރުމުގެ ހިލޭ ދަތުރުތަކަށްފަހު، 3 ޖުލައި އިން ފެށިގެން ދަތުރު ކުރެވޭނީ ޓިކެޓު ނަގައިގެން ކަމަށެވެ.
އެގޮތުން ދަތުރުތަކަށް ޓިކެޓު ނެގުމަށް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ޓިކެޓު ނެގޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެއެވެ.
މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުމަށް ކުރިއަށް ގެންދާ މުހިއްމު މަޝްރޫއެކެވެ. އާރުޓީއެލްގެ ހިދުމަތް ދެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.



