ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ހަގީގަތަކަށް ހެދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ޝަރީފް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް ޑރ. މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް އަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނަ ކަމަށެވެ.
”އާ ޓާމިނަލް ހުޅުވުމުގައި އަމަލުކުރަން އަންނަނީ ބައިނަލްއަގުވާމީ ގޮތުން އަމަލުކުރަންޖެހޭ އެންމެ މަތީ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން، އެ ޓާމިނަލަކީވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރާނަން“ ޝަރީފް ވިދާޅުވިއެވެ.
އާ ޓާމިނަަލަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އާ ޓާމިނަލުގައި ތަފާތު އާ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށާއި އެތެރެއާއި ބޭރުގައި ދިވެހިވަންތަ ސިފަތައް ފެންނާނެ ކަމަށެވެ.
ހަމައެހެންމެ ފަސިންޖަރުންނަށް ފަސޭހައާއެކު ހިނގާލައި، ވަގުތު ހޭދަކޮށްލެވޭނެ ޖާގަ އެ ޓާމިނަލުގައި އޮންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
72000 އަކަ މީޓަރު ބޮޑު އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.
މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ޤާއިމްކޮށްފައި ހުންނާނެއެވެ.




