ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިޓީ މޭޔަރު ނަސްރުﷲ އަލީ، މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފިއެވެ.
ސައުދު އާއި ނަސްރުﷲ ސަސްޕެންޑު ކޮށްފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ބެހޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، ހެދި އިންކުއަރީއަށް ފަހުގައެވެ.
އެގޮތުން ސައުދު ތިން މަސް ދުވަހަށް އަދި ނަސްރުﷲ 1 މަހަށް ސަސްޕެންޑު ކުރުމަށް އެލްޖީއޭ އިން ވަނީ ނިންމާފައެވެ.
މިކަން ނިންމުމަށް އެލްޖީއޭއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި މޭޔަރު ސައުދުއަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ބުނެފައިވަނީ، އޭނާއާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާ ނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލެވެފައިވާ ކަމާއި، ކައުންސިލުގެ ބާރުތަކާއި ބޭނުން ނަހަމަ ގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުން އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި އަދި އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރު ކޮށްފައިވާކަން އިންކުއަރީން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި މިކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ ކަމަށް ފެންނާތީ، މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ޤަވާއިދުތަކުގެ މައްޗަށް ކައުންސިލު ހިނގާކަން ބަލައި ކަށަވަރުކުރުގެ އެންމެ އިސް މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ކަމަށްވާތީ، އެ ބޭފުޅުން ޤާނޫނާއި ޤަވާއިދާ ހިލާފުވެފައިވާކަން އިންކުއަރީއަށް ފާހަގަ ކުރެވިފައިވާތީ، ޤަވާއިދުގެ މަތިން އެ ދެ ބޭފުޅުން ސަސްޕެންޑުކުރަން ނިންމެވީ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެލްޖީއޭއިން ހެދި އިންކުއަރީގައި މިއަދު ސައުދު އާއި ނަސްރުﷲ ސަސްޕެންޑު ކުރުމުގެ އިތުރުން، އެ ކައުންސިލުގެ އެހެން މެންބަރުންތަކަކަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.
އެގޮތުން ހަތަރު މެންބަރަކަށް ނަސޭހަތްތެރިވެ މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ ދެއްކުމަށް އެލްޖީއޭ އިން ވަނީ އަންގާފައެވެ.
އެ މެންބަރުންނަކީ:
° ކައުންސިލު މެންބަރު އަހްމަދު ވަހީދު
° ކައުންސިލު މެންބަރު އައިމިނަތު ނަސީމާ
° ކައުންސިލު މެންބަރު އަހްމީމާ އަހްމަދު
° މެންބަރު ޒަލީފް އަބްދުﷲ
މި ހަތަރު މެންބަރުން އެ ފައިސާތައް ދެ މަސް ދުވަސް ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަން އަށް އެލްޖީއޭ އިން ވަނީ ނަސޭހަތްތެރިވެ، ޤަވާއިދާ ހިލާފަށް ނަގާފައިވާ އެލަވަންސާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް ވެސް އަމުރުކޮށްފައެވެ.




