ދެވަނަ ފިއުޗަަރ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިގު އިބްރާހިމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ސަމިޓް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިއަށް އޮތްތަނުގައި ހިންގާނެ މަސައްކަތްތައް ރޭވުމާއި މަޝްވަރާކުރުން ކަމަށެވެ.
މި ސަމިޓް ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްވި ޚާއްސަ ތަޤްރީރުގައި މިނިސްޓަރ ޠާރިޤް ވަނީ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި މަޝްވަރާތައް އިތުރުކުރުމަށާއި، ދާއިރާގެ އެކި ފަރާތްތަކާ ގާތް ގުޅުމެއް ބިނާކުރުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނު ވަނީ ދިވެހި އިޤްތިޞާދުގެ މައި ތަނބުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއާއި، މި ހުރިހާ ދާއިރާތައް އިތުރަށް ތަރައްޤީކުރުމަށް މަގުފަހިކުރާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އަދި ދިވެހި ހޮސްޕިޓާލިޓީ ދާއިރާގެ މަސައްކަތްތެރިންނަށް ބާރުވެރިކަން ދިނުމާއި، ދިވެހި ސަގާފީ ތަޖުރިބާތައް އިތުރުކުރުމާއި، ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ގެނައުމަށްޓަކައި މައުލޫމާތުތަކަށް ބިނާކޮށް (ޑާޓާ-ޑްރިވަން) ސްޓްރެޓެޖީތައް ބޭނުންކުރުމުގެ މައްޗަށް މިނިސްޓަރު ވަނީ ވާހަކަދައްކަވާފައެވެ.
މި ނުކުތާތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަގުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންތައްތަކެއްކަމަށް މިނިސްޓަރުފާހަގަކުރެއްވިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ސަމިޓްގެ މަޤްޞަދަކީ މިފަދަ މަޝްވަރާތަކާއި ހިޔާލު ބަދަލުކުރުމުގެ މަންސައެއް ޤާއިމުކުރުން ކަަމަށެވެ.



