މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް)ގެ ސެޓްފިކެޓް 3 އިން އެއަރޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
ރޭގެ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް (އީ.އެސް.އެސް) އިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއް ކަމަށާއި، އެކަމަށްޓަކައި އީ.އެސް.އެސްގެ މުޅި ޓީމަށް ޝުކުރާއި މަރްޙާބާ ދަންނަވާ ކަމަށެވެ. އަދި ޓެކްސީ ކިއުގެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދިޔައީ އެސްޓޭޓް ސެކިއުރިޓީގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި، މީގެ ސަބަބުން މުޅި އެއަރޕޯޓަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ސީ.އީ.އޯ ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އަޚްލާޤާއި އިޙްތިރާމާއި ޤާބިލުކަން އެންމެ ފުރިހަމައަށް ފެންނަ އެއް ޑިޕާޓްމަންޓަކީ އީ.އެސް.އެސް ކަމަށާއި، މިއީ ދެވިފައިވާ ތަމްރީނުތަކުގެ ފުރިހަމަ ނަތީޖާއެއްކަން ވެސް ޝަރީފްގެ ވާހަކަފުޅުގައި ފާހަަގަ ކުރެއްވިއެވެ. އަދި އެމް.އޭ.ސީ.އެލްގެ ކޮންމެ މުވައްޒަފަކީ ވެސް ކަމަށް ކަމޭހިތާ، އެކަކު އަނެކަކަށް އިޙްތިރާމްކުރަން ދަންނަ ބަޔަކަށް ހެދުމަކީ އެ ކުންފުނިން އުފައްދާފައިވާ އޭވިއޭޝަން އިންސްޓިޓިއުޓްގެ އަމާޒެއްކަމަށް ވެސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އެއިމްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ އާދަމް ނަސީރު ވިދާޅުވީ، މުސްތަޤްބަލުގައި މި އިންސްޓިޓިއުޓްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް ރާވާފައިވާ ކަމަށާއި، ތަޢުލީމީ ގޮތުން އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަކީ ޤާބިލު ބަޔަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ސީ.އީ.އޯ ޝަރީފު ވަނީ އީ.އެސް.އެސްގެ އަހަރީ ކަލަންޑަރު ވެސް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ.
މީގެއިތުރުން، އެމް.ކިއު.އޭ ގެ އެޕްރޫވަލް ސެޓްފިކެޓް އެއިމްގެ ފަރާތުން ސީ.އީ.އޯ ޝަރީފަށް ރޭގައި ވަނީ އަރުވާފައެވެ.




