ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މިކަމުގައި ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތުގައި ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސްތުތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެއް ފާހަގަކުރަމުންދާއިރު، މިމައްސަލަ ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ޤަބޫލުކުރަން ޖެހޭ ކަމަށާއި މިއީ ހަމައެކަނި ވަކި ޤައުމަކަށް ހައްލުކުރެވޭނެ މައްސަލައަކަށްވުރެ ބޮޑަށް ޤައުމުތައް ގުޅިގެން ހައްލުކުރޭވޭނެ މައްސަލައެއް ކަމަަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މަސައްކަތް ހަރުދަނާކޮށް، މަސްތުވާތެކެތީގެ ވާބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމާއި، އެފަރާތްތައް އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް އެކަށައެޅިފައިވާ ނިޒާމު، އެއް އަމާޒަކަށް މަސައްކަތް ކުރަން ޤައުމީ އޮނިގަނޑެއްގެ ތެރެއިން މިހާރު މަސައްކަތްތައް ރޭވިފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާނެކަން ފާހަގަކުރައްވާ، މަސްތުވާތެކެތީގެ މައްސަލައަށް ދާއީމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.




