ފަގީރުންގެ ގޮތުގައި ރެޖިސްޓަރ ކޮަށްފައިވާ މީހުންގެ ތެރެއިން ދާއިމީ ބޮޑެތި ބަލި މީހުންނަށް އިންޝުއަރެންސް ދޭން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޒަކާތު ފަންޑުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ބޭސްފަރުވާއަށް، މި ފެށުނު ހިޖުރީ އައު އަހަރާއެކު އިންޝުރެންސް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިކަން ކުރިއަށް ގެންދަން ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށާއި އެފަރާތްތަކަށް އިންޝުރެންސް ތައާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
”މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ. މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު“ އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ޚަރަދެއް ކުރާ ކަމަށާއި އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވާ ކަމަށެވެ.



