ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން އެމްޕަވަމަންޓް ހަބެއް ހެދުމަށް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން ޒަކާތު ހައުސްއާއި ސޯޝަލް މިނިސްޓްރީން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެކަމަަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޒަކާތު ހައުސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް ޝައިޚް އިއްޒައްދީން އަދުނާން އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ އެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ހެދުމަށް ޒަކާތު ހައުސްގެ އެހީތެރިކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން އެދިފައި ވާތީ، އެކަމަށް އެހީތެރިވާން ނިންމީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
މިފަދަ ހަބެއް ހެދުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުން ދާތީ އެ މީހުންގެ ހުނަރު ކުރިއަރުވައި، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ މީހުންނަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަދި އެ މީހުންނަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޒަކާތު ހައުސްއާއި ސޯޝަލް މިނިސްޓްރީއާ ދެމެދުވީ މި އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރެވެ.




