ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗުގެ ތަމްރީން މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗަށް ހުޅުވާލުމާއެކު 338 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށެވެ.
އޭގެތެރެެއިން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަރުތު ހަމަވަނީ 257 ބައިވެރިން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ އެއީ އެ ޕްރޮގްރާމަށް ޝަރުތުހަމަވާ އިމްތިހާނުން ފާސްވި 257 ބައިވެރިން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް ޒުވާން ޚަޠީބުންގެ ދެ ބުރެއް ނިމިފައިވާއިރު، 234 ޒުވާނުން ވަނީ މި ޕްރޮގުރާމުގެ ތެރެއިން ސަނަދު ހާސިލްކޮށްފައި ކަމަށެވެ.
އެ މިނިސްޓްރީން އަމާޒު ހިފާފައިވަނީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.
’ޒުވާން ޚަޠީބުން‘ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.




