އިދިކޮޅު އެމްޑީޕީއަށް މިއަދު 20 އަހަރު ފުރިފައިވާއިރު އެ ޕާޓީ ކުރިއަށްދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި އިސްލާހާއި އަދި ތަހުޒީބީ ހިޔާލާ އެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގެ ފަހުރުވެރި ޕާޓީ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގެ ފުރުސަތު ފަހިކޮށްދިން ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އަޅުގަނޑުމެން 20 އަހަރުކުރިން ފެށި މިދަތުރު އަދި ނުނިމޭ، ކުަރަން ހުރި ކަންކަން ބައިވަރު، ޚުދުމުޚުތާރު ގޮށްމުށްތަކުގެ ދަށަށް ޤައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި“ ރައީސް ޞާލިހް ވިދާޅުވިއެވެ.
އެމްޑީޕީއަށް މިއަދު 20 އަހަރު ފުރިފައިވާއިރު، އެ ޕާޓީން 2023 ވަނަ އަހަރު ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ މި މަހުގެ 23 ވަނަ ދުވަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މިއާއެކު 2028 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެ ކެނޑިޑޭޓެއްގެ ވާދަވެރިކަން ވެސް ވަނީ އިތުރުވެފައެވެ.
ރައީސް ޞާލިހް ވަނީ، އެ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް އޭގެ ކުރިން ބާއްވާ އެ ޕާޓީގެ ޕްރައިމެރީ އިންތިހާބުގައި ބައިވެރިވެ ވަޑައިގަންނަވާނެކަން ކުރިން އިއުލާނު ކުރައްވާފައެވެ. އެމަނިކުފާނުގެ އިތުރުން އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ، ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއްޔެ އިއުލާނު ކުރައްވާފައެވެ.




