އަވައްޓެރި ސްރީލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެކަމަށް ލަންކާގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފިއެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަނީ އަންނަ މަހު ފަހު ހަފްތާގައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކާއި، ސަރަހައްދީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރާނީ ރާއްޖެއާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓު ޒޯނެއް ގާއިމްކުރުމާ ގުޅޭ ގޮތުންނެވެ.
އެ މޫވްމަންޓް ޒޯނު ގާއިމު ކުރެވިއްޖެނަމަ، ވިސާއާ ނުލައި، އަދި ވޯކް ޕާމިޓެއް ވެސް ނެތި ދެ ގައުމުގެ ރައްޔިތުންނަށް ދިރިއުޅުމާއި، ކިޔެވުމާއި، ވަޒީފާ އަދާކުރުމާއި، ވިޔަފާރިތައް ކުރުމާއި އަދި ޕްރޮޕަޓީ ގަނެ ވިއްކުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ.
ލަންކާގެ ރައީސް ޑިސަނަޔެކަ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ވެރިކަމާ ހަވާލުވީ ފަހުން ބޭރު ގައުމަކަށް ކުރައްވާ ރަސްމީ ހަވަނަ ދަތުރުފުޅެވެ.




