އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އީރާނަށް ލިބެންޖެހޭ ހައްގުތައް ނިގުޅައިގަންނަން ތަފާތު ޕްރެޝަރުތައްކުރާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އަރްގްޗީ މިހެން ވިދާޅުވީ ދާދި ފަހުން އީރާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހަމަލާ އަމާޒުވި އީރާނުގެ ގައުމީ ޓީވީގެ ގްލާސީ ބިލްޑިންއަށް ކުރެއްވި ޒިޔާރަތެއްގައެވެ.
އަރަގްޗީ ވިދާޅުވީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އަހަރުގެ ޖެނުއަރީ މަހު ރިޔާސީ ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވުމަށްފަހު 2018 ވަނަ އަހަރުގެ މެކްސިމަމް ޕްރެޝަރ ކެމްޕެއިން އަލުން އިއާދަކުރެއްވީ އީރާނުގެ ހައްގުތައް ދޫކޮށްލަން މަޖުބޫރު ކުރުވުމަށް ކަމަށެވެ.
އެގޮތުން ތަފާތު އިންޒާރުތައް ދީ، އާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކޮށް އީރާނާ ދެކޮޅު ކެމްޕޭން ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރަގްޗީ ވިދާޅުވީ ސުލްހަވެރި ނިއުކްލިއާ ސިނާއަތެއްގެ ހައްގު ހިމެނޭ ގޮތަށް އީރާނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އެކި ޕްެރެޝަރުތައް ބޭނުންކޮށްފައިވާ ކަމަށެވެ.
އަދި އިސްރާއީލާއި އެމެރިކާގެ ހަމަލާތަކާ ދެކޮޅަށް އީރާނުން ތެދުވެފައިވާތީ އަރަގްޗީ ވަނީ އެކަމަށް ތައުރީފު ކުރައްވާފައެވެ.
މީގެ އިތުރުން އަރަގްޗީ ވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުން އަންނަ ކަންކަމަށް ދުނިޔޭގެ އެކި ކަންކޮޅުތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ކަމަށް ވިދާޅުވެފައެވެ.



