ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްޕެއިނަށް ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސް ސްޕެއިނަށް ފުރާވަޑައގެންފައި ވަނީ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެގޮތުން މި ކޮންފަރަންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގައެވެ.
މި ކޮންފަރަންސްގެ އިފްތިތާޙީ ދަންފަޅީގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފައެވެ.
އަދި މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ މަންސަތަކުގައި، ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުޞޫލުތަކުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެފް.އެފް.ޑީ.4 އަކީ، މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދ. ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.



