މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ޢާޝޫރާ ދުވަހުގެ މާތްކަން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރިކުރައްވައިފައިވާ މަހެއް ކަމަށެވެ.
ހުތުބާގައި ބުނީ ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ ޣަރަޤުކުރެއްވި ދުވަސް ކަމަށެވެ.
އަދި މިފަދަ ޙާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައްވާ ކަމަށާއި މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”މާތް الله ވަޙީކުރައްވައިފައި ވެއެވެ. ދެން ތިމަންރަސްކަލާނގެ رَسُوْلُންނާއި، إِيْـمَانވީ މީހުން ސަލާމަތްކުރައްވަމެވެ. ހަމަ އެ ފަދައިން، مُؤْمِنُން ދިންނަވައި ސަލާމަތްކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް حَقّއެކެވެ.“ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މި ފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ، އީމާންކަމާއި އިސްލާމް ކަމުން ކަމަށާއި އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަން ކަމަށެވެެ.
މާތް ﷲއަށް އިތުބާރުކޮށް، އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއްނެތް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް ކަމަށެވެ.
”ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ، ﷲގެ މައްސަރު ކަމުގައިވާ މުޙައްރަމު މަހެވެ.“ ނަބިއްޔާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މި މަސް، މާތް ﷲގެ ޛާތުފުޅަށް ނިސްބަތްކުރެއްވުމުން އެ މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގިގެންދާ ކަމަށެވެ.




