ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ހުޅުމާލެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތައް އަލުން ފަށައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭވެސް އެއްްގޮތަށް އަލުން ޚިދުމަތްތައް ފަށާފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކޮށްފައިވަނީ، ސްޓެލްކޯ އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން އެ މައްސަލަ ދިމާވުމާއެކު މީގެ ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުގެ މެއިން އިލެކްޓްރިކް ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ހުޅުމާލެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލުކުރަން، ކަމާ ގުޅޭ މުވައްޒަފުން ހުއްޓުމެއްނެތި ކަމާބެހޭ އިދާރާތަކާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.




