“ވޭސްޓު ޓު އާޓް“ ގެ ނަމުގައި ތިމާވެށި ސާފުކުރުމުގެ ހަރަކާތެއް ލ. ގަމުގެ ބޮޑަމަގަ ބީޗްގައި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންްޓްް މިނިސްޓްރީން އިންތިޒާމުކޮށްގެންނެވެ.
މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ފާއިޒެވެ.
ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ޙަރަކާތުގައި 220 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން މި ހަރަކާތުގެ ބައިވެރިން ވަނީ އެ ސަރަޙައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައެވެ.
މިނިސްޓްރީން ބުނީ މި ޙަރަކާތުގެ މަޤްޞަދަކީ ތިމާވެށި ސާފުކުރުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ މައުލޫމާތު ދިނުން ކަމަށެވެ.
މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފާއިޒް ވަނީ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށާއި އެ ރަށުގެ ރައްޔިތުން ދެއްވި ތަރުހީބަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ހަމައެހެންމެ ފާއިޒް ވަނީ ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
“ވޭސްޓް ޓު އާޓް“ ޙަރަކާތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އާދަތައް އާލާކުރުމަށާއި، ޕްލާސްޓިކުން ތިމާވެށީގެ ތަޣައްޔަރުވުން މަދުކުރުމަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ފުޅާ ކެމްޕޭނެއްގެ ބައެކެވެ.



