ށ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ތެރެއިން، މިލަންދޫގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑު އިފްތިތާހުކުުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިއްޔެ ހަވީރު މިލަންދޫގައި ބޭއްވި މި ރަސްމިއްޔާތުގައި، ބިލްބޯޑު އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި، ށ. އަަތޮޅު ކައުންސިލު ރައީސް މުޙައްމަދު ޝިހާމްއެވެ.
ފުލުހުން ބުނީ މި ރަސްމިޔާތުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަަށަވަރު ކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން އެކްސިޑެންޓުތަކުގައި އަމަލުކުރާނެ ގޮތްތައް ދައްކުވައި ދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ފުލުުހުން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ހާދިސާއެއް ހިނގުމުން އަމަލުކުރާނެ ގޮތްތައް އާންމު ރައްޔިތުންނަށް އެނގިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހިމެނޭ ބެނާތަކާއި ބޯޑުތައް ހިފައިގެން ރަށުގެ އެކި މަގުތަކުގައި ހާއްސަ ހިނގައިލުމެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ހަރާކަތްތަކަށް މިލަންދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓީވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން މިލަންދޫ ކައުންސިލާއި އެހެނިހެން އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެފައި ވެއެވެ.
އަދި މިލަންދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި އާންމު ރައްޔިތުން ވެސް އެ ހަރަކާތުގައި ބައިވެރިވެފައި ވެއެވެ.
ރައްކާ ރޯޑް ޝޯވގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި އެމްޓީސީސީ އަދި އުރީދޫ މޯލްޑިވްސްއެވެ.
ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް މިލަންދޫގައި ކުރިއަށް ގެންދަނީ މިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ރަށުގެ ވިޔަފާރިވެރިންނާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.




