ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްމަރްހޫމް އައްޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.
ޝައިޚް ފަރީދު އަވަހާރަވީ، މި މަހުގެ 9 ވަނަ ދުވަހު ދީނީ ބައްދަލުވުމަކަށް މެލޭޝިއާއަަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ޤައުމުގެ އެއާޕޯޓަށް ފައިބައިވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއް ފަހުން ކުއްލި ގޮތަކަށް ހާލަތު ދެރަވެގެންނެވެ. ޖަނާޒާ ބާއްވާ ފަސްދާނުލާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު މެލޭޝިއާ ގައެވެ.
ދީނީ އެކި ކަންކަމުގައި ހޭލުންތެރި ކުރުމުގެ މަސައްކަތްޕުޅު ކުރައްވައި ގިނަ ދަރުސްތަކެއް ދެއްވި ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަނީ، ދީނީ ގިނަ މަސައްކަތްތަކެއް ޝައިޚް ކުރެއްވި ޚިދުމަތް ޖަމިއްޔާއިންނެވެ.
ބަންގްލަދޭޝްގައި ބިނާކުރާ އެ މިސްކިތުގެ ބިންގާ އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޚިދުމަތް ޖަމިއްޔާގެ ފަރާތުން އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އެ މިސްކިތުގެ ބިންގާ އަޅައިދީފައިވަނީ ޝައިޚް ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ ޢަބްދުﷲ ފަރީދާއި މުޙައްމަދު ފަރީދެވެ.
އާންމުންގެ އެހީއާވެސް އެކު ބިނާ ކުރާ މި މިސްކިތަކީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި ބޮޑުމިނުގައި 250 އަކަ މީޓަރު ހުންނަ އެ މިސްކިތައް ހަރަދުވާނެ ކަމަށް ލަފާ ކުރެވެނީ 760،000 ރުފިޔާ ކަމުގައި އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިސްކިތް ބިނާ ކުރަން ފައިސާ ޞަދަގާތް ކުރުމަށް ޚިދުމަތް ޖަމިއްޔާއިން އިއުލާނު ކުރިތާ އެއް ދުވަސް ތެރޭގައި، އެ ފައިސާ ވަނީ ހަމަވެފައިކަން ވެސް އެ ޖަމިއްޔާއިން ފަހުން އިއުލާނު ކޮށްފައިވެއެވެ.
އިތުރަށް މީހުން ފައިސާ ޖަމާކުރާތީ ހިދުމަތް ޖަމިއްޔާއިން ވަނީ ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމައިފައެވެ.



