ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި އުދައެރުން ވެސް އެކަށީގެންވާ ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގައި ވެސް ވަނީ، މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން މިއަދު އާންމު ކުރި ރިކޯޑުތަކުން ދައްކާ ގޮތުގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. މަކުނުދޫ އަށެވެ. އެ ރަށަށް 23.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.




