އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ހއ. ހޯރަފުށީގައި ފަށައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށެއްގައި އައިޑީކާޑުގެ ހިދުމަތް ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ.
މިކަމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ، އައިޑީކާޑުގެ ހިދުމަތް ހޯރަފުށީގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު އެ ރަށުގެ ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުންޏެވެ.
އައިޑީކާޑުގެ ހިދުމަތް މިހާރު 23 ރަށެއްގައި ދޭން ފަށާފައިވާކަން ފާހަގަކޮށް ޑީއެންއާރް އިން ބުނީ، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށެވެ.
މިއަހަރު ނިމޭއިރު އައިޑީކާޑުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.




