މެލޭޝިއާގައި ތައުލީމު ހާސިލު ކުރަމުންދާ އެ ޤައުމުން ބޭރުގެ ދަރިވަރުން، އަންނަ މަހު 1 އިން ފެށިގެން ޓެކްސް ދައްކަންޖެހޭ ގޮތަށް، މެލޭޝިއާގެ ގާނޫނަށް ގެނައި ބަދަލާ ގުޅޭ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ސާފުކުރަމުންދާކަމަށާއި، އެކަމުގައި ދިވެހި ދަރިވަރުންނަށް ބުރަ އުފުލަން ނުޖެހޭގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސަވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރް އަހްމަދު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލުގައި ވަނީ މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން %6 ގެ ޓެކުހެއް ނެގުމަށް ނިންމާފައެވެ. އަދި 1 ޖުލައިން ފެށިގެން މިކަމަށް ޢަމަލުކުރަން ފެށުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ހައިދަރު ވިދާޅުވީ މެލޭޝިއާ ސަރުކާރުން މި ނިންމުން އިއުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއް ކަމަށާއި މިކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް އަންގާފައި ވެސް ނެތް ކަމަށެވެ.
އެހެންކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް، އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އަދި އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަމަށާއި ނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިހާރު މިކަން ގާތުން ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ޤައުމަކަށްވުމާއެކު މިކަމުގައި އެ ދަރިވަރުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދޭން މަޝްވަރާ ކުރެވެމުންދާ ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ ސްކޮލަރޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އަމިއްލަ ގޮތުން ކިޔަވަންގޮސް ތިބި ދަރިވަރުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.




