ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އެކަށީގެންވާ އެކައުންޓިން ނިޒާމެއް ނެތް ކަމަށް ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި އެ ކޮމިޓީގެ ފަރާތުން އެފްއޭއެމުގެ 2023 އަދި 2024ގެ އޮޑިޓް ރިޕޯޓް ހުށަހަޅުއްވަމުން، ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު ފަރީހާ ޝަރީފު ވިދާޅުވީ އެފްއޭއެމުގައި މާލީ މުއާމަތާތްތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމުން އޮޓިޑް ކުރުމަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށާއި އަދި ގައުމީ ފުޓްބޯޅަ އިދާރާގައި މާލީ ލިޔެކިއުންތައް ނެތުމާއި ބައެއް މުއާމަލާތްތައް އެއްވެސް ލިޔެކިއުމެއްނެތި ކޮށްފައިވާކަން ވެސް އޮޑިޓަށް ފާހަގަވި ކަމަށެވެ.
މީގެ އިތުރުން ފަރީހާ ވިދާޅުވީ އެފްއޭއެމަށް ލިބިފައިވާ ބައެއް ފައިސާ އަކީ ކިހިނެތް ލިބިފައިވާ ފައިސާއެއްކަން ވެސް އެނގެން ނެތް ކަމަށެވެ. އަދި ކޮށްފައިވާ ބައެއް ހަރަދުތަކަކީ ލިޔެކިޔުންނެތި ކޮށްފައިވާ ހަރަދުތަކަކަށްވުމުން ގިނަ މައްސަލަތަކަކާ ކުރިމަތިވި ކަމަށް ވެސް ވިދާޅުވިއެވެ.
އެފްއޭއެމުގައި ލިޔެކިޔުން ނެތް ނަމަވެސް ބައެއް ފަރާތްތަކުން އެފްއޭއެމުން ފައިސާ ދޭން ޖެހޭ ކަމަށް ބުނެ ގިނަ ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށާއި މިހެންވެ ހުސްވި ދެ އަހަރުގެ އޮޑިޓާ މެދު ވަކި ގޮތެއް ނިންމަން ވެސް ވަރަށް ބޮޑަށް ދަތިވެފައިވާކަން ފަރީހާ ފާހަގަ ކުރެއްވިއެވެ.
ފީފާއިން ހުސްވި އަހަރުގެ އޮގަސްޓް މަހު އެފްއޭއެމް ނޯމަލައިޒް ކުރީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތާއި ކޮރަޕްޝަން އަދި އިދާރީ އެތައް މައްސަލަތަކެއްގައި 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު އެވެ. އެކަމުގެ ސަބަބުން އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވެސް އޭނާއަށް ބައިވެރި ނުވެވޭގޮތަށް ފީފާއިން ވަނީ ހަމަޖައްސާފައެވެ.




