މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައި އޮތް ތިން މެންބަރުންގެ މަގާމަށް އައު މެންބަރުން އިންތިހާބުވިތާ ހަފްތާއެއް ފަހުން، މިއަދު އެ މެންބަރުންނާ މަގާމު ހަވާލު ކޮށްފިއެވެ.
އެމްއެމްސީގައި ހުސްކޮށް އޮތީ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރެއްގެ މަގާމާއި އާންމުން ތަމްސީލު ކުރާ މެންބަރެއްގެ މަގާމެވެ.
އެގޮތުން މިމަހުގެ 21 ވަނަ ދުވަހު ބޭއްވި އެ އިންތިހާބުގައި އެ މަގާމުތައް ހޮވުނީ:
° ”އަދަދު“ ނޫހުގެ ނޫސްވެރިޔާ ލީވާން އަހްމަދު ނަސީރު
° ”ދައުރު“ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު މުޒައްޔިން ނާޒިމް
° ހައްވާ ވަޖުދާ (އާންމުން ތަމްސީލުކުރާ ގޮނޑިއަށް)
އާންމުކޮށް އެމްއެމްސީގެ މެންބަރުކަމުގެ މަގާމަށް އިންތިހާބުވުމަށްފަހު، ޖެހިގެން އަންނަ ދުވަހު އިންތިހާބުވީ މެންބަރުންނަށް މަގާމު ހަވާލު ކުރެއެވެ.
ނަމަވެސް މިފަހަރު ޔޫތު މިނިސްޓްރީއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އެ މެންބަރުންގެ މަގާމު ހަވާލުކުރުން ވަނީ ލަސްވެފައެވެ.
ޔޫތު މިނިސްޓްރީއަށް ޝަކުވާއެއް ހުށަހެޅީ އާންމުން ތަމްސީލްކުރާ ގޮނޑިއަށް ވާދަކޮށް އެންމެ ވޯޓެއް ވެސް ނުލިބޭ މުހައްމަދު އަމީން އަލީ އެވެ. އޭނާ ހުށަހެޅި ޝަކުވާއަކީ ރީރަޖިސްޓްރޭޝަނަށް ފަހުން ފުރުސަތު ހުޅުވައިނުލުމެވެ. އެ ޝަކުވާ ހުށަހެޅީ އިންތިހާބު ފެށުމުގެ 12 ގަޑިއިރެއްވަރު ކުރިން ދަންވަރު ވަގުތެއްގައެވެ. އިންތިހާބު ކުރިއަށް ގެންދިޔައީ އެ ޝަކުވާއާ މެދު މިނިސްޓްރީން ގޮތެއް ވެސް ނުނިންމައެވެ.
އެ ޝަކުވާތަކާ ގުޅިގެން ޔޫތު މިނިސްޓްރީން ނިންމީ އަލުން އިންތިހާބު ނުބޭއްވުމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ބަލައިގަނެ، އިންތިހާބުވީ މެންބަރުންނާ މަގާމު ހަވާލުކުރަން އެމްއެމްސީއަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.




