ޤަޠަރުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް އުފައްދައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ވަނީ އެ އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންވެސް ބަޔާންކުރައްވާފައެވެ.
މި އެމްބަސީ އުފައްދަވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ޤަޠަރުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި ތަޢުލީމީ، ސިޔާސީ، އިޤުތިޞާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައްވެސް ބަޔާންކޮށްފައެވެ.
ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ފޮނުވާ ސިޓީގައި ޖަހަންޖެހޭނީ 502 އެވެ.



