މަހަކު 30،000 އަށްވުރެ ގިނަ ރުފިޔާގެ މުސާރައަކާއި ސިއްހީ އިނާޔަތްތައް ލިބޭގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސިސީ)އަށް ކައްކާއެއް ހޯދަން އިއުލާނުކޮށްފިއެވެ.
އެމްޓީސީސީން މިކަމާ ގުޅޭގޮތުން ކުރި އިއުލާނުގައި ބުނެފައިވަނީ، ކައްކާއެއް ހޯދަނީ އެ ކުންފުނީގެ ”ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން“ ޑިވިޝަނުން، އެމްޓީސީސީގެ މަސައްކަތްތަކުގައި ބޭނުންކުރާ ކޮންނަބޯޓު ކަމަށްވާ މަހާޖައްރާފުގައި މަސައްކަތް ކުރުމަށް ކަމަށެވެ.
މި މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 30،960 ރުފިޔާއެވެ. މީގެ އިތުރުން ސިއްހީ އިނާޔަތްތަކާއި ޕެންޝަން އިނާޔަތް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މަގާމުގެ ޝަރުތުތައް:
° ކަނޑުމަތީގައި ކައްކާ މީހެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
° ސެޓިފިކޭޝަން އެންޑް ވޮޗްކީޕިން ފޯ ސީފެއަރާސް (އެސްޓީސީޑަބްލިއު) މެނިލާ 2010 ގެ ދަށުން ހުރިހާ ސެޓްފިކެޓްތަކެއް ހުރުން.
މަގާމުގެ މަސްއޫލިއްޔަތުތައް:
° ކްރޫއަށް ކެއުން ތައްޔާރުކުރުން
° ކާބޯތަކެތި ތައްޔާރުކުރުމާއި ރައްކާކުރުމުގެ ހުރިހާ ކަމެއްގައި ސާފުތާހިރުކަމުގެ ރަނގަޅު މިންގަނޑުތައް ބެލެހެއްޓުން.
° މަސައްކަތްކުރާ ބޯޓުގެ ކައްކާބައި ސާފުކުރުމާއި ކެއުންތައް ތައްޔާރުކުރުމާ ބެހޭގޮތުން ތަނުގެ މާސްޓަރާއި މަޝްވަރާކުރުން.
° ކެއުންތައް ތައްޔާރުކުރުމުގައި ކެއުންތަކުގެ ފެންވަރު ކަށަވަރުކުރުން.
° ބޯޓުގެ ކައްކާބައި އަދި ޕްރޮވިޝަން ސްޓޯ ރަނގަޅަށް ބެލެހެއްޓުން.
° މާސްޓަރާއި ގުޅިގެން ޕްރޮވިޝަން ސްޓޮކެއް ބެލެހެއްޓުން.
° ޕްރޮވިޝަން އެޑްމިނިސްޓްރޭޝަން ބެލެހެއްޓުން
މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަންގާރަ ދުވަހެވެ.



