ގއ. ވިލިނގިލިން ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ5268، މުޙައްމަދު ޠާހާ (36އ) އެވެ.
މި މަހުގެ 26 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލީ ބަނދަރު ސަރަހައްދުންނެވެ. އޭނާ ހައްޔަރުކޮށް، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅުތަކެއް ފެނިފައިވާ ކަމަށާއި ތަކެތީގެ ވަގުތީ ބަރުދަނަކީ 20 ގުރާމް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ޠާހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުަމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




