ސިއްހީ ހިދުމަތްތައް ދިނުން އަވަސް ކުރަން މި އަހަރު ހޮސްޕިޓަލްތަަކަށް ގިނަ މުވައްޒަފުން ނަގަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފަައި ވަނީ ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ދެއްވި އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ދިނުން އަވަސް ކުރުމަށް ރަށްރަށާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން މި އަހަރު ނަގާފައިވާނެ ކަމަށެވެ.
މިގޮތުން ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކަށް އެކަނި ވެސް ގާތްގަނޑަކަށް 33 މުވައްޒަފުން ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ނާޒިމް ވިދާޅުވީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ނަރުހުން ފަދަ ޓެކްނިކަލް މަގާމުތަކަށް 300 އަށްވުރެ ގިނަ މުވައްޒަފުން ނެގުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
މާލެއާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުންދޭ ޚިދުމަތްތައް ރަނގަޅު ކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




