އައްޑޫ ސިޓީ ހަންކެޑަ ”ހަލާލް ޓޫރިޒަމް“ ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިއަދު ބުނީ ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
މިގޮތުން އައްޑޫ ސިޓީގެ ހަންކެޑެ (LD0219) ”ހަލާލް ޓޫރިޒަމް“ ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
“ މި ނިންމެވުމާއި ގުޅިގެން މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މަސައްކަތް މިހާރު ދަނީ ކުރަމުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
އައްޑޫ ސިޓީގެ ހަންކެޑެ ގައި ތަރައްޤީ ކުރާ ”ހަލާލް ޓޫރިޒަމް“ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެއެވެ.
މީގެ އިތުރުން އެ ފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެއެވެ.
ޙަލާލު ޓޫރިޒަމަކީ ޚާއްޞަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ.




