ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅުމަށް ”މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ“ ގެ ނަމުގައި ސެންޓަރެއް ހޯމް މިނިސްޓްރީން ހުޅުވައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން، އައިއޯއެމްގެ ރީޖަނަލް ޑައިރެކްޓަރ އިޔޯރީ ކާޓޯ ކަމަށެވެ.
އެ ސެންޓަރުގެ އިތުރުން އޮންލައިންކޮށް ޝަކުވާ ހުށަހެޅޭ ގޮތަށް ޕޯޓަލެއްވެސް ”މައިގްރެންޓް ކަނެކްޓް“ގެ ނަމުގައި ވަނީ ފަރުމާކޮށްފައެވެ. އެ ޕޯޓަލްވެސް އިފްތިތާޙުކޮށްދެއްވީ ހެލްތު މިނިސްޓަރު ނާޒިމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާންޖެހޭ ކަމަށެވެ.
”ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ހިފަމުން“ޑރ. ފައިރޫޝް ވިދާޅުވިއެވެ.
ޑރ. ފައިރޫޝް ވިދާޅުވީ މިހާރު އިފްތިތާޙުކޮށްފައިވާ ޕޯޓަލާއި ޤާއިމުކޮށްފައިވާ ސެންޓަރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ނަމަވެސް، ގަވާއިދުގެ ތެރެއަށް ވަނުމަށް އެހީތެރިވެދޭނެ ކަމަށެވެ.



