ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑުތަކުގެ އޮންލައިން ޕަރޗަސިންގް ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފިއެވެ.
ބީއެމްއެލްއިން ވަނީ އެ ބޭންކުން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އަންނަ މަހުން ފެށިގެން މަހަކު 500 ޑޮލަރަށް މިހާރު ބޮޑުކޮށްފައެވެ.
ބީއެމްއެލްއިން ބުނީ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް، މިހާރު ޑެބިޓް ކާޑުތަކުން ”ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް“ ބަދަލުތަކެއް ވެސް ގެނެސްފައި ވާނެ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ކަސްޓަމަރުންގެ ކާޑުތައް ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމުން ރާއްޖެއިން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ހަދާފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. އަދި ބޭރުގެ އޭޓީއެމުން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖުކުރާނެ ކަމަށް ވެސް ބުންޏެވެ.

ޑެބިޓް ކާޑުތަކުން އެންމެ ގިނައިން ކުރާ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގަތުންކަން ފާހަގަ ކުރަމުން ބީއެމްއެލްއިން ބުނީ، މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމައިފައިވާ ކަމަށެވެ. މިގޮތަށް ފީ ނަގާނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަންޏެވެ.
މިގޮތަށް ފީ ނެގިޔަސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން އިތުރު ފީއެއް ނުނަގާނެ އެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތަށް ވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ވެސް ބޭންކުން ބުންޏެވެ.



