ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ނަމަށް ނިސްބަތްކޮށް ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި، އޯކިޑަކަށް ނަންދީފިއެވެ.
ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް އިއްޔެ ރައީސްގެ ދެކަނބަލުން ވަނީ އެ ޤައުމަށް ފުރާވަޑައިގެންފައެވެ. އެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނޭޝަނަލް އޯކިޑް ގާޑަނަށް މިއަދު ހެނދުނު ޒިޔާރަތް ކުރެއްވުމުން އެ ދެކަނބަލުންގެ ނަމަށް ނިސްބަތްކޮށް، އެތަނުގެ އޯކިޑް ގަހަށް ނަން ދިންކަމުގެ ލިޔުން އެ ދެކަނބަލުންނާ ހަވާލުކޮށް ދެއްވީ ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭ އެވެ.
ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ދަތުރުކުރައްވާ އެހެން ޤައުމުތަކުގެ ރައީސުންނާއި ފަސްޓްލޭޑީންގެ ނަމުން އޯކިޑް ގަހަށް ނަން ދިނުމަކީ، އެ ބޭފުޅުންގެ ޝަރަފުގައި ސިންގަޕޫރުން ކުރާ ކަމެކެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުން މިއަދު އޯކިޑް ގާޑަންއަށް ކުރެއްވި ޒިޔާރަތުގައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ރައީސާއި ފަސްޓްލޭޑީ ވަނީ ސޮއި ކުރައްވައިފައެވެ.
ސިންގަޕޫރާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ބަދަހި ކުރިތާ 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ރައީސް މުއިއްޒު އަންނަ ބުދަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލު ކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.




