ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެގޮތުން ޤާނޫނުހަދާ މަޖިލީސްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު ދަށްވުމަކީ ރާއްޖޭގައިވެސް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބޮޑު މައްސަލައެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ބައިނަލްއަޤްވާމީ ޕާލިމެންޓޭރިޒަމް ދުވަހުގެ މުނާސަބަތުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ޑިމޮކްރަސީ ދެމެހެއްޓުމަށާއި ހެޔޮވެރިކަން ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
މި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމާއި ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީސްތަކާ މަތިކުރެވިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަން ހަނދުމަފުޅު ކޮށްދެއްވިއެވެ.
ރައީސްގެ މި މެސެޖު ނިންމަވާލައްވާފައި ވަނީ، ޤާނޫނުހަދާ މަޖިލީސްތައް ހަރުދަނާ ކުރުމަށް އެކަށައަޅާފައިވާ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަގުސަދުގައި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމު އައު ކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.



