ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އައު ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ބުނެފިއެވެ.
ޖުލައި 26 (މިނިވަން ދުވަހު)ގައި އައު ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އައު ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް އެމް.އޭ.ސީ.އެލްއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ޓުއާތަކެކެވެ.
އެގޮތުން އިއްޔެ އެމްއޭސީއެލް އިން ވަނީ އެމްސީއޭއޭގެ ޓީމަކަށް އައު ޓާމިނަލް ދައްކާލައި، މައުލޫމާތު ދީފައެވެ. މި ޓުއާގައި އެ އޮތޯރިޓީން ބައިވެރިވި ޓީމުގައި ހިމެނިވަޑައިގެންނެވި މެންބަރުންގެ ސުވާލުތަކަށް އޮރާޓު ޓީމުގެ ފަރާތުން ޖަވާބު ދީފައިވެއެވެ.
މި ޓުއާއަށްފަހު، އައު ޓާމިނަލަށް ހާއްސަކޮށްގެން އެމް.އޭ.ސީ.އެލް އިން ސިލްސިލާކޮށް ގެނެސްދޭ ވީޑިއޯ ސެގްމަންޓުގައި ވާހަކަ ދައްކަވަމުން އެމްސީއޭއޭގެ އެއަރ ޓްރާންސްޕޯޓްގެ ޑިރެކްޓަރު ޢަބްދުﷲ ރަޝީދު ވިދާޅުވީ، އައު ޓާމިނަލްގެ ހުރިހާ ކަމެއްވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށެވެ.
އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ޖުމުލަކޮށް އައު ޓާމިނަލް ބޭނުންކުރައްވާ ހުރިހާ ޕަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.




