ރާއްޖެއިން އިސްކަންދެނީ ބޭނުންކުރާ ކެމިކަލްތައް މަދުކޮށް ދަނޑުބިންތަކުގެ ކޮލިޓީ ހިފަހައްޓަން ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އދ.ގެ ފުޑް އެންޑް އެކްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބޭއްވި ހައި-ލެވެލް މިނިސްޓީރިއަލް ސްޕެޝަލް އިވެންޓްގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބިން ތިިރި ޤައުމަކަށްވެފައި، ވެލީގެ ކޮލިޓީ ހިފެހެއްޓުމަށްވެސް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.
އެހެންކަމުން ދަނޑުވެރިކަން ކުރުމުގައި މީގެ ކުރިން ތަފާތު ވައްތަރުގެ ކެމިކަލްތައް ބޭނުންކުރި ނަމަވެސް، މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ ކެމިކަލް ބޭނުންކުރުން ހުއްޓާލާ އުކާލާ ބާވަތްތަކުން ގަސް ކާނާ އުފެއްދުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ދިވެހިރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ޤައުމަކަށްވާއިރު، މަހުން އުކާލާ ބާވަތްތަކުން ގަސް ކާނާ ގިނަ އަދަދަކަށް އުފެއްދިދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމަށް ޒަމާނީ އުކުޅުތައް ދަނޑުވެރިކަމުގައި ބޭނުންކުރަން ޖެހޭ ކަަމަށްވެސް މިނިސްޓަރު މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދަނޑުވެރިކަމުގެ ޒަމާނީ އުކުޅުތަކަށް ތަމްރީންތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ރާއްޖޭގައި ހައިޑްރޮޕޯނިކް އާއި ވާޓިކަލް ފާމިން ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑްރިޕް އިރިގޭޝަން ސިސްޓަމްތަކާއި ރެއިން ވޯޓަރ ހާވެސްޓިން ސިސްޓަމްތައް ޤާއިމު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފްއޭއޯ ކޮންފަރެންސްއަކީ ދުނިޔޭގައި ބަނޑުހައިހޫނުކަމާއި ފަޤީރުކަމާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އިރުޝާދުދިނުމަށާއި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ކަށަވަރުކުރުމަށާއި، އަދި މުޅި ދުނިޔޭގައި ރަށްފުށުގެ ތަރައްޤީ ކުރިއެރުވުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮންފަރެންސްއެކެވެ.



