ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން އިއްޔެ ފެއްޓެވި މި ދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް މުޢިއްޒުއާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދަށް ސިންގަޕޫރުގެ ރައީސް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް ގާޑް އޮފް އޮނާއެއް އެރުވިއެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ތަރްމަންގެ ދެކަނބަލުން، ރައީސް މުއިއްޒުގެ ދެކަނބަލުންނާ ބައްދަލު ކުރެއްވިއެވެ. އަދި އެރަސްމިއްޔާތަށްފަހު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގް ވެސް ވަނީ ރައީސް މުއިއްޒާ ބައްދަލު ކުރައްވައިފައެވެ.
ރައީސް މުއިއްޒު ވަނީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅޭ ހާއްސަ ފޮތެއް ވެސް ސިންގަޕޫރުގެ ރައީސަށް އަރުވައިފައެވެ.



