ނޭޝަނަލް މައިގްރެންޓް ހެލްތް ޕޮލިސީ ނުވަތަ ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި ސިޔާސަތު އިފްތިތާހްކޮށްދެއްވީ މީރުމާ ހޮޓެލްގެ ކާނިމާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެކުލަވާލި މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރު ކުރުމެވެ.
ހެލްތު މިނިސްޓްރީން ބުނީ ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމާއެކު ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް ކަށަވަރު ކުރެވޭނެ ކަމަށެވެ.
ހަމައެހެންމެ އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށްވެސް ޚިދުމަތް ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ބިދޭސީންގެ ސިއްހަތަކީ ހަމައެކަނި ޓެކްނިކަލް ކަންބޮޑުވުމެއް ނޫން ކަމަށާއި ޤައުމީ ބިދޭސީންގެ ޞިއްޙީ ސިޔާސަތު އެކުލަވާލުމުން އެ ސިޔާސަތު ރަމްޒުކޮށްދެނީ، އެންމެން ބައިވެރިވާ، އިންޞާފުވެރި، އޯގާތެރި ޞިއްޙީ ނިޒާމެއް ޤާއިމުކުރުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު އަމާޒުކުރެވިފައި ވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެގޮތުން މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުމާއި، ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުމާއި، ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުމާއި، ނާޒުކުކަން ކުޑަކުރުން އަދި ނިޒާމުތައް ޤާއިމުކުރުން ހިމެނެއެވެ.



