ރާއްޖެއާއި ސިންގަޕޫރާ ދެމެދު މުހިންމު ތިން ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް މިހާރު އެ ޤައުމަށް ކުރައްވާގައިވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އާއެކު ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެއްބަސްވެފައިވަނީ:
° ޤާބިލްކަން އިތުރު ކުރުން
° ތަޢުލީމީ ދާއިރާ
° ތިމާވެށީގެ ދާއިރާ
މި ތިން ދާއިރާގެ ތެރެއިން އެންމެ ފުރަތަމަ ސޮއިކުރެއްވީ ޤާބިލްކަން އިތުރުކުރުމުގެ ދާއިރާއިން އެކުލަވާލި އެއްބަސްވުމުގައެވެ. މިގޮތުން ކޯޕަރޭޝަން އިން ކެޕޭސިޓީ ބިލްޑިން ނުވަތަ ޤާބިލްކަން އިތުރުކުރުމުގެ ދާއިރާގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ޑރ. ވިވިއަން ބަލަކްރިޝްނަން އެވެ.
ދެވަނަ އެއްބަސްވުމަކަށް ސޮއިކުރެއްވީ ކޯޕަރޭޝަން އިން ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް ނުވަތަ ދެމެހެއްޓެނިވި ތިމާވެށީގެ ދާއިރާއިން ގުޅުންބަދަހިކުރުމުގެ ދާއިރާއިންނެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޤައުމުގެ މިނިސްޓަރ ފޯ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް އެންޑް މިނިސްޓަރ އިން ޗާޖް އޮފް ޓްރޭޑް ރިލޭޝަންސް ގްރޭސް ފު އެވެ.
ތިންވަނަ އެއްބަސްވުމެއްގެ ގޮތުގައި ސޮއިކުރައްވާފައިވަނީ މަތީ ތައުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއިންނެވެ. ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއެކު އެކުލަވާލި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢަލީ ހައިދަރު އަޙްމަދުއެވެ. އަދި އައިޓީއީ އެޑިއުކޭޝަނުން ސޮއިކުރެއްވީ ޑެޕިއުޓީ ޝީފް އެގްޒެކެޓިވް އޮފިސަރ ގޮއް މޮންގް ސޮންގްއެވެ.
މި އެއްބަސްވުންތަކާއެކު ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިވެގެންދާނެއެވެ.



