ރާއްޖޭގެ އެކި ހިސާބުތަކުން 1400 އަށް ވުރެ ގިނަ ކުދިން ޤުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރު ވިދާޅުވީ 20 ސެންޓަރެއްގައި މި ވަގުތު ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށެވެ. މި ވަގުތު ރާއްޖޭގައި މުޅި ޖުމްލަ 1،434 ދަރިވަރުން ހިމެނޭހެން 783 އަންހެން އަދި 651 ފިރިހެން ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާންމުކުރައްވާފައިވާ މަޢުލޫމާތުން އެނގޭގޮތުގައި މާލެ ސަރަހައްދުގައި މި ވަގުތު އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ.
އެއީ ގުރުއާނާއި ބެހޭ މަރުކަޒުގެ މާލެ ގޮފީގައި 424 ދަރިވަރުން އަދި ހުޅުމާލެގޮފީގައި 155 ދަރިވަރުންނެވެ.
ތިން ވަނައަށް، 127 ދަރިވަރުންނާއެކު އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ އިލްމު އިންސްޓިޓިއުޓުގަ އެވެ.
މީގެ އިތުރުން ރަށްރަށުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައި ވަނީ ރ. ކިނޮޅަހުގައި ހިންގާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގަ އެވެ. އެއީ 80 ދަރިވަރުންނެވެ.



