މި އަހަރު ކުރީކޮޅު ނެޓްފްލިކްސްގައި ރިލީޒް ކުރި ”ނާދާނިޔާ“ އިން ބޮލީވުޑަށް ތައާރަފްވި އިބްރާހިމް އަލީ ހާން ގެ ދެވަނަ ފިލްމު ”ސަރުޒަމީން“ އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށް އެ ފިލްމުގެ ޓީޒަރ އިއްޔެ ދައްކާލައިފިއެވެ.
އިބްރާހިމްގެ ފުރަތަމަ ފިލްމު ވެސް ޕްރޮޑިއުސްކުރި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމުގައި، އިބްރާހިމްގެ އިތުރުން ހަރަކާތްތެރިވަނީ ކާޖޮލް އާއި ސައުތު އެކްޓަރު ޕްރިތުވިރާޖް އެވެ.
އެނގިފައިވާ ގޮތުގައި މި ފިލްމުގެ ގިނަ މަންޒަރުތައް ޝޫޓް ކޮށްފައިވަނީ ކަޝްމީރް ގައެވެ.
މި ފިލްމަކީ ކުޅަދާނަ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީ ފިލްމު ޑައިރެކްޝަނަށް ނުކުންނަ ފިލްމުވެސްމެއެވެ.
ފިލްމު ”ސަރުޒަމީން“އަކީ އިބްރާހީމް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާނެ ކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ފިލްމެކެވެ. ނެޓްފްލިކްސްގެ ފިލްމު ”ނާދާނިޔާން“ގެ މަސައްކަތް ފެށުމުގެ މާކުރިން އިބްރާހީމް ”ސަރުޒަމީން“ ގެ މަސައްކަތް އެއްކޮށް ވަނީ ނިންމާލާފައެވެ.
މި ފިލްމާ ބެހޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފައި ވަނީ، މިއީ ބެލުންތެރިން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖައްސާނެ ފިލްމެއް ކަމަށެވެ. މިއީ ހަމައެކަނި ތުރިލާއެއް ނޫން ކަމަށާއި މި ފިލްމުން އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކާއި އާއިލާގެ ޒިންމާތަކުގެ މުހިއްމުކަން ދައްކުވައިދޭނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.
”ސަރުޒަމީން“ ދެއްކުމަށް ހަމަޖެހިފައިވަނީ ޖިއޯ ހޮޓްސާ އިންނެވެ.




