ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ނުވަތަ ދިވެހިރާއްޖޭ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މިހާތަނަށް 680 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރޭ ސިންގަޕޫރުގައި ފެށި ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އިޤްތިޞާދީ ތަރައްޤީގެ އެޖެންޑާގެ ދަށުން އެސްއީޒެޑްގައި 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާ، އިޤްތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި މުހިއްމު ސިޔާސަތެއް ކަމަށާއި އެގޮތުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހުޅުވާލާފައިވާ ކަމަށެވެ.
”އެސްއީޒެޑްގެ ޕޯޓްފޯލިއޯ މިހާތަނަށްއައިއިރު 680 މިލިޔަން އެމެރިކާ ޑޮލަރާއި ހަމައަށް އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަންވަނީ ލިބިފައި. މިއީ ތާރީޚީ ކުރިއެރުންތަކެއް.“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން އެ ފޯރަމްގައި މިނިސްޓަރ ސައީދު ވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.
އެގޮތުން ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ޙަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމާއި، އަދި މިނޫންވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުރިކަން އިކޮނޮމިކް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާޙައުލެއް އޮތްކަމުގެ ޔަގީންކަންވެސް މިނިސްޓަރ ސައީދު ވަނީ ދެއްވާފައެވެ.



