14 ވަނަ މޭޔަރސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް ފުުރައިފިއެވެ.
ކައުންސިލް ވަފުދުގެ މި ދަތުރަކީ، މޭޔަރސް ފޯރަމް ބާއްވާ ވޯލްޑް ސިޓީސް ސަމިޓުގެ ދައުވަތަކަށްކުރާ ދަތުރެކެވެ.
މި ސަމިޓު ކުރިއަށްދާނީ އޮސްޓްރިއާގެ ވިއެނާގައި، ޖުލައި 2 އިން 4 އަށެވެ.
މި ފޯރަމްގައި، މާލެ ސިޓީ ކައުންސިލުން ބައިވެރިވާ ވަފުދުގައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަންގެ އިތުރުން، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު ހިމެނެއެވެ.
މި ސަމިޓްގެ ޝިޢާރަކީ، އަންނަން އޮތް ޖީލުތަކަށް ދިރިއުޅެން ފަސޭހަ ސިޓީއެއް ބިނާކުރުމަށް، ލޯކަލް ގަވަރމަންޓް ލެވަލްގައި ކުރާ މަސައްކަތަށް ހެޔޮ ބަދަލުގެނައުމަށް މަގުފަހުކުރުމެވެ. އަދި މި ދަތުރުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާވެ، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކަން ކުރާގޮތް، ތަޖުރިބާ ލިބިގަތުމެވެ.
މި ދަތުރާ ގުޅޭގޮތުން، މާލެ ސިޓީގެ މޭޔަރު ޢާޒިމް ވިދާޅުވީ، ރާއްޖެ ފަދަ، ކުޑަ ގައުމެއްގެ ބައިވެރިވުން، މި ފަދަ ފޯރަމްތަކަށް މުހިންމު ކަމަށެވެ.
“ ޕޮލިސީ ލެވަލްގައި އެކި ޤައުމުތަކުގެ މޭޔަރުން ބައިވެރިވެގެން ނިންމާ މުހިންމު ނިންމުންތަކުން، މާލެ ސިޓީ އަށް އޭގެ ފައިދާ ކުރާނެ، މި ފޯރަމަކީ، ދުނިޔޭގެ އެކި ސިޓީތަކުގެ ވެރިންގެ މެދުގައި، ގުޅުން ބަދަހިކުރުމަށާއި، އެންމެ ރަނގަޅު އާދަތައް ހިއްސާކުރުމަށާއި، އަދި ސިޓީތަކަށް ދިމާވެފައިވާ އާންމު ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންތެރި މަސައްކަތެއް“ މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މި ދަތުރުގެ ހަވާސާގައި، ޗައިނާގެ ސޫޒާ ސިޓީގެ މޭޔަރ ވޫ ކިން ކުއެންއާ، މާލެ ސީޓީ ކައުންސިލްގެ ވަފުދު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.




